ފުވައްމުލައް ސިޓީ ކައުންސިލާއި ޔޫއެންޑީޕީ ދެމެދު 'މޯލްޑިވްސް ރީފް' ފަހުމުނާމާގައި ސޮއިކޮށްފި

ފުވައްމުލައް ސިޓީ ކައުންސިލާއި ޔޫއެންޑީޕީ ދެމެދު 'މޯލްޑިވްސް ރީފް' ފަހުމުނާމާގައި ސޮއިކޮށްފި
13 އޮކްޓޯބަރ 2024

ފުވައްމުލައް ސިޓީ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އަދި މިނިސްޓްރީއޮފް ކްލައިމްޓް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި ދެމެދު މޯލްޑިވްސް ރެސިލިއަންޓް ރީފް އިކޯސިސްޓަމް އެންޑް އިކޮނޮމީ ފޯރ ދަ ފިއުޗާ ޕްރޮޖެކްޓުގެ ދަށުން ފުވައްމުލައް ނޭޗާ ޕާކް ތަރައްގީކޮށް މަރާމާތު ކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ސޮއިކުރި މިޕްރޮޖެކްޓަކީ މުރަކަ ހިމާޔަތްކުރުމުގެ މަސައްކަތަށް އެހީތެރިވުމަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ފުރުސަތުތައް ކުރިއެރުވުމާއި ފަރުތަކާއި އަމިއްލަ ވިޔަފާރިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ފުރުސަތުތައް ފަހިކުރުމުގެ މަގުސަދުގައި ހިންގާ ގްލޯބަލް ފަންޑް ފޯ ކޯރަލް ރީފްސް (ޖީއެފްސީއާރު) ގެ ފަންޑިންގ ގެ އެހީގައި ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.

ފުވައްމުލައް ނޭޗަރް ޕާކް އިތުރަށް ތަރައްގީ ކުރުމުގެ އިތުރުން މި ޕްރޮޖެކްޓްގެ ތެރެއިން މިދާއިރާއާއި ގުޅުންހުރި ވިޔަފާރިތައް ކުރިއަރުވަން ހިލޭ ލިބޭ ގްރާންޓަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. އަދި މީގެ އިތުރުން، މިދާއިރާއާއި ގުޅުންހުރި ޕްރޮޖެކްޓްތަކަށް އިންވެސްޓަރ ފައިނޭންސް ހޯދުމުގެ ފުރުސަތުވެސް މަގުފަހިވެގެން ދާނެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ސަބަބުން އާ ވަޒީފާތައް އުފެދުމާއި، ތިމާވެއްޓާއިމެދު ވިސްނާ އަދި އެއަށް ޝައުގުވެރިވާ ފަތުރުވެރިން ހޯދުމަށް ފަސޭހަވެގެންދާނެކަމަށް ބެލެވެއެވެ. އަދި ފުވައްމުލަކުގެ ގުދުރަތީ ވަސީލަތްތަކަކީ ދުޅަހެޔޮކަންމަތީ ދިގު މުއްދަތަކަށްވާ ވަސީލަތްތަކެއްކަން ދެމެހެއްޓެނިވި ގޮތަކަށް ކަށަވަރުކޮށްދީ، ރަށުގެ އިގްތިސާދަށް ކުރިއެރުން ލިބޭނެ ކަމަށް ބެލެވެއެވެ. ފުވައްމުލަކަކީ ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވެކެވެ.

ފޮޓޯ ގެލަރީ