ފުވައްމުލައް ސިޓީ ’ސްމާޓް ލައިޓިނގް‘ ޕައިލެޓް ޕްރޮޖެކްޓް ފަށައިފި

ފުވައްމުލައް ސިޓީ ’ސްމާޓް ލައިޓިނގް‘ ޕައިލެޓް ޕްރޮޖެކްޓް ފަށައިފި
3 އޮކްޓޯބަރ 2024

ޒަމާނީ ފަންނިއްޔާތާއި ރަށްޓެހި ސިޓީއަކަށް ފުވައްމުލައް ސިޓީ ބަދަލުކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ މަގު ބައްތިތަކާއި އާންމު ސަރަހައްދުތަކުގައި ހުންނަ ބައްތިތައް ’ސްމާޓް ލައިޓިންގ‘ އަށް ބަދަލުކުރުމުގެ ގޮތުން ޓެސްޓު ކުރުމަށް ހިންގާ ޕައިލެޓް ޕްރޮޖެކްޓް ފަށައިފިއެވެ.

އެގޮތުން ފެށުނު މިމަޝްރޫއުގެ އެހީގައި، ފުވައްމުލައް ސިޓީގެ މަގު ބައްތިތަކާއި އާންމު ތަންތަނުގައި ހުންނަ ބައްތިތައް ދިއްލުމާއި ނިއްވުން، އޭގެ އަލި ކޮންޓްރޯލް ކުރުމާއި އެއަށް ދިމާވާ މައްސަލަތައް ފަސޭހައިން އެނގިގެންދާނެއެވެ. މިމަޝްރޫޢު ޓެސްޓު ކުރުމުގެ ގޮތުން މިވަގުތު ފުވައްމުލައް ސިޓީގެ 2 މަގު ބައްތި އަކާއި ކުޅިވަރު ކުޅޭ 4 ދަނޑެއް (20 ބައްތި) ވަނީ ބަދަލުކުރެވިފައެވެ.

އާންމު މަގު ބައްތިތަކަށްވުރެން ތިމާވެއްޓާއި ރަށްޓެހި މިބައްތިތަކުގެ ސަބަބުން ބައްތިތަކަށް ކުރަންޖެހޭ ޚަރަދު ކުޑަކުރެވެއެވެ. އެގޮތުން އަހަރެއްގެ މައްޗަށް 1 މިލިއަނާއި 2 މިލިއަން ރުފިޔާ ދެމެދުގެ އަދަދެއް ހަރަދުން ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. މިޓެސްޓްތަކަށް ފަހު މިއަންނައަހަރުން ފެށިގެން ބައްތިތަށް ސްމާޓް ލައިޓަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިގެން ދާނެއެވެ.

ކައުންސިލްގެ ޕްލޭނަކީ ދެއަހަރު ތެރޭ ސްމާޓް ލައިޓަށް ބަދަލުކޮށް ނިންމާލުމެވެ. މި މަސައްކަތް ކައުންސިލް ބަޖެޓުން ފެށި ނަމަވެސް ކުރިއަށް އޮތްތަނުގައި މި ޕްރޮޖެކްޓަށް އެހީ ހޯދުމަށް ފަންޑުދޭ ފަރާތްތަކުގެ އެހީ ހޯދުމަށް މަސައްކަތް ކުރެވޭނެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ފަންނިއްޔާތު ކުރިއަރުވައި މިއިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުންނަށް ލިބިގަތުމަށް ލުއިފަސޭހަ ޚިދުމަތަކަށް ހެދުމުގެ ގޮތުން މިހާތަނަށް މިއިދާރާއިން ފޯރުކޮށްދޭ 95 އިންސައްތަ ޚިދުމަތްވަނީ އޮންލައިން ކުރެވިފައެވެ. އަދި ސިޓީގެ މުނިސިޕަލް ޚިދުމަތްތަކާއި ގުޅުންހުރި ކަންބޮޑުވުންތައް ހިއްސާކުރެވޭ ގޮތަށް ’އަފުން ސިޓީ‘ ޕޯޓަލް އަންނަނީ ބޭނުންކުރަމުންނެވެ. މީގެ އިތުރުން ސިޓީއާއު ގުޅުންހުރި ކަންތައްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ’އަފުން އަޑޮ‘ ޕޯޓަލް ލޯންޗުކޮށް އަންނަނީ ބޭނުންކުރަމުންނެވެ.

ސްމާޓް ސިޓީއަކަށް ފުވައްމުލައް ސިޓީ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

ފޮޓޯ ގެލަރީ