ފުވައްމުލައް ޓޫރިޒަމް އެވޯޑްސް 2024 ބާއްވައިފި

ފުވައްމުލައް ޓޫރިޒަމް އެވޯޑްސް 2024 ބާއްވައިފި
1 އޮކްޓޯބަރ 2024

ފުވައްމުލައް ސިޓީ ކައުންސިލުގެ ރަށު ފަތުރުވެރިކަމަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި މިސިޓީގެ ރަށު ފަތުރުވެރިކަމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ މިކައުންސިލުން 'ފުވައްމުލައް ޓޫރިޒަމް އެވޯޑްސް 2024' ގެ ނަމުގައި ހާއްސަ އެވޯޑެއް ދީފިއެވެ.

ގައިވަނީ ރަށު ފަތުރުވެރިކަމަށް މިފުރުނު 10 އަހަރާއި ގުޅުވައިގެން ތަފާތު 10 ކެޓަގަރީއަކުން އެވޯޑްދީފައެވެ. ފުވައްމުލައް ޓޫރިޒަމް އެވޯޑްސް 2024ގައިވަނީ ފުވައްމުލައް ސިޓިގެ ރަށު ފަތުރުވެރިކަމުގައި މިވަގުތު ހަރަކާތްތެރިވާ 25 ގެސްޓް ހައުސްއާއި 11 ޑައިވް ސެންޓަރަކަށް އެފަރާތްތަކުގެ ޙިދުމަތުގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑެއް އަރުވާފައެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގެ ރަށު ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއްކޮށްދީފައިވާ 6 ފަރާތަކަށްވަނީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން 'ޖެނެރަލް އެވޯޑް ފޯރ ސާވިސް އިން ޓުއަރިޒަމް'ގެ ނަމުގައި ހާއްސަ އެވޯޑެއްދީފައެވެ. މިއެވޯޑް ލިބިލެއްވި ބޭފުޅުންގެ ތެރޭގައި މިސިޓީގެ ޑައިވިންގ ކުރިއެރުވުމަށް ގިނަ ޙިދުމަތްތަކެއް ކޮށްދެއްވައި އަދި މިހާރުވެސް ޙިދުމަތުގައި ދެމިތިއްބެވި ބޭފުޅުންނާއި، މިސިޓީގެ ރަށު ފަތުރުވެރިކަން ފެށުމުގެ މޭސްތިރިންނާއި ރަށް ޕްރޮމޯޓް ކުރުމުގައި މަސައްކަތްތައްކޮށްދެއްވައިފައިވާ ފަރާތްތައް ހިމެނެއެވެ. މީގެ އިތުރުން ފުވައްމުލަކުގެ ޑައިވިން ޕޮއިންޓަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު މިރަށުގެ މަޝްހޫރު ޑައިވަރު މުހައްމަދު ސައީދު ޓޫރިޒަމް ދާއިރާ އަށް ކޮށްދިން މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންވަނީ އެވޯޑެއް ދީފައެވެ. މި އެވޯޑާ ހަވާލުވީ އޭނާގެ އަންހެން ދަރިފުޅެވެ.

މީގެ އިތުރުން މިއެވޯޑް ހަފްލާގެ ގެސްޓް ހައުސް ބައިން އެންމެ ފަހުރުވެރި އެވޯޑްތައް ކަމުގައިވާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު، 'ބެސްޓް ރޭޓެޑް ގެސްޓް ހައުސް އެވޯޑް' އަދި ހުރިހާ ގޮތަކުންވެސް އެންމެ ފާހަގަކޮށްލެވޭ ގެސްޓް ހައުސްއަށް ދިން 'ލީޑިންގ ގެސްޓް ހައުސް އެވޯޑް' ހާސިލުކޮށްފައިވަނީ ޒީރޯ ޑިގްރީ ރެޒިޑެންސްއިންނެވެ. މިއެވޯޑް ތަކުގެ ޑައިވިންގ ކެޓަގަރީން 'ބެސްޓް ރޭޓެޑް ޑައިވް ސެންޓަރ' އަދި 'ލީޑިންގ ޑައިވް ސެންޓަރ އެވޯޑް' ހާސިލުކޮށްފައިވަނީ ޕެލާޖިކް ޑައިވަރސް ފުވައްމުލައް އެވެ.

އެވޯޑް ހަފްލާގައި ދެވިފައިވާ އިތުރު އެވޯޑުތައް:

- ފަސްޓް ރަޖިސްޓަރޑް ގެސްޓް ހައުސް: ވިލެގްޒާ ރެޓްރީޓް

- ފަސްޓް ރަޖިސްޓަރޑް ޑައިވް ސެންޓަރ: ފަރިކެޑެ ޑައިވާސް

- ފުވައްމުލައް އަންޑަ ވޯޓަރ ފޮޓޯގްރަފީ އެވޯޑް: މުހައްމަދު ސާރިމް އަބްދުﷲ، މަނާމް، ފުވައްމުލައް ސިޓީ

- ފުވައްމުލައް ސީނިކް ފޮޓޯގްރަފީ އެވޯޑް: މުހައްމަދު ސާރިމް އަބްދުﷲ، މަނާމް، ފުވައްމުލައް ސިޓީ

އަދި މީގެ އިތުރުން ފުވައްމުލައް ރަށު ފަތުރުވެރިކަމަށް 10 އަހަރު ފުރުމާއި ގުޅިގެން ކުރިއަށް ގެންދިޔަ ’ޝާކްސް އޮފް ފުވައްމުލައް އަންޑަވޯޓަރ ފޮޓޯގްރަފީ ކޮމްޕެޓިޝަން‘ގެ ވަނަވަނައަށް އައި ފަރާތްތަކަށްވެސް ވަނީ އިނާމު ދީފައެވެ. މި މުބާރާތަކީ ފުވައްމުލަކުގެ ކަނޑުއަޑީގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ ހުށަހެޅޭ ގޮތަށް ހުޅުވާލެވުނު މުބާރާތެކެވެ. އެގޮތުން މިމުބާރާތުން ވަނަވަނައަށް އައިސްފައިވަނީ:

1 ވަނަ: އަހުމަދު ރީހާން މުހައްމަދު، ލަކް ހައުސް، މާލެ ސިޓީ

2 ވަަނަ: މުހައްމަދު ސާރިމް އަބްދުﷲ، މަނާމް، ފުވައްމުލައް ސިޓީ

3 ވަނަ: އަހުމަދު ރަމީޒް. މަޅަނބިގެ، ފުވައްމުލައް ސިޓީ

މިއެވޯޑް ދިނުމަށް ކުރިއަށް ގެންދިޔަ ހަފްލާ ޝަރަފުވެރިކޮށްދެއްވައިފަިއވަނީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިޞަލްއެވެ. ފުވައްމުލައް ސިޓީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޙަމަދު އަބްދުﷲ އަދި މެދު ދާއިރާގެ މެމްބަރު ޢަލީ ފަޒާދުއާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުންނިމް އަނީސްގެ އިތުރުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމްއާއި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު އަދި އައްޑޫ ސިޓީގެ ބައެއް ކައުންސިލަރުންނާއި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް، ހަސަން ފައިހަތު ޤުދުރަތުﷲ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.