އަލްއުސްތާޛު މުޙައްމަދު އިބްރާހިމް ލުޠުފީ

ތައާރަފް

އަލްއުސްތާޛު މުޙައްމަދު އިބްރާހިމް ލުޠުފީއަކީ ފުވައްމުލަކުގެ ފުރަތަމަ އަތޮޅުވެރިޔާއެވެ. ލުޠުފީއަކީ ރަށުގެ އޭރުގެ ގިނަ ރައްޔިތެއް ސިފަކުރައްވާ ގޮތުންނަމަ ފުވައްމުލަކުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއްކޮށް ދެއްވި ބޭފުޅެކެވެ. މުޙައްމަދު އިބްރާހިމް ލުޠުފީގެ އެންމެ ފާހަގަކޮށްލެވޭ ޙިދުމަތަކީ ފުވައްމުލަކުގެ އުމްރާނީ ތަރައްޤީއަށް ކުރައްވާފައިވާ މަސައްކަތްތަކެވެ.

އެގޮތުން ލުޠުފީ އެންމެ ފުރަތަމަ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ފެއްޓެވީ ފުވައްމުލަކުގެ މަގުތައް ހެއްދެވުމުގެ މަސައްކަތެވެ. އެގޮތުން ލުޠުފީގެ ބެލުމުގެ ދަށުން ފުވައްމުލަކުގެ އޯކިޑްމަގާއި، ވައިލެޓްމަގާއި، ފިނިވާމަގުގެ މަސައްކަތްކުރިއަށް ގެންދެވިއެވެ. ލުޠުފީ މިމަސައްކަތުގައި އުޅުއްވަމުންވަނީ ފުވައްމުލަކުގެ ޗާޓު ކުރެއްސެވުމުގެ މަސައްކަތްވެސް ކުރައްވާފައެވެ. މީގެ އިތުރުން ފުވައްމުލަކުގެ ރަސްމީ ބޯޅަދަނޑު ހައްދަވައި އެދަނޑުގައި ބޯޅަ ކުޅެން ފެށުނީވެސް ލުޠުފީގެ އަތޮޅުވެރިކަމުގައެވެ.

އިގްތިސާދީގޮތުން ރަށް ކުރިއަރުވައި ވަކި ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ލުޠުފީގެ ދައުރުގައި ރޯނު ވެށުމާއި، ކުނާ ވިއުމަށްޓަކައި ރަށުގެ މެދަށްވާގޮތަށް ތަނެއް ހެއްދެވިއެވެ. އަދި އެދުވަސްވަރު ފުވައްމުލަކުގައި ދިރިއުޅެމުންއައި އެހެން ރަށެއްގެ މީހެއް މެދުވެރިކޮށް އެތަނުގައި އެ މަސައްކަތްތައް ދަސްކޮށްދިނުންވެސް ކުރިއަށް ގެންދެވިއެވެ.

މީގެ އިތުރުން ވިޔަފާރި ކުރުމަށް މާލިއްޔާ ގޭގެ ނަމުގައި 2 ޢިމާރާތެއް ރާނައި މާލެއިން ބިންބި ގެނެސްގެން އެތަނުގައި ވިއްކަން ފެށިއެވެ. ވިޔަފާރި ފުޅާވެ އެތަންތަނުން ވިއްކާ ބާވަތްތައް އިތުރުކުރުމާއި، މާލިއްޔާ ކޮމިޓީއެއް އުފެއްދުމާއި 8 އަވަށުގައި އަންހެނުންގ ކުރިއަރުވާ ކޮމިޓީވެސް ލުޠުފީ އުފެއްދެވިއެވެ.

ފުވައްމުލަކުގެ ފުރަތަމަ ކުޅިވަރު ކުލަބު އުފެއްދުމާއި، ވާދައިގެ ފުޓުބޯޅަ މެޗުތައް ކުޅުމަށްޓަކައި ކައިރި ރަށްތަކަށް ދިއުމާއި ބޮޑުބެރު ޖެހުމާއި އަންހެނުންނަށް ތަފާތު ރާގުތަކަށް ލަވަކިޔަން ދަސްކޮށްދިނުމާއި ބަށި މުބާރާތްތައް ބޭއްވެވިއެވެ،

ތަޢުލީމީ ފުރުސަތުތައް ފަހި ކުރުމުގެ ގޮތުން ރަށްވެހިގޭގައި ޚާއްސަ ކުލާހެއް އުފެއްދުމާއި، އަދަބީ މުބާރާތްތައް ބޭއްވުމާއި، ރަށުގައި ކިޔަވައިދެމުންދިޔަ 4 މަދަރުސާއެއް 2 މަދަރުސާއަށް ބަދަލުކުރެއްވިއެވެ.

ފުވައްމުލަކުގައި އޭރު ފެންވެރުމަށް ބޭނުންކުރަމުން އައި ހުރިހާ ވެއޮތަކެއް ރައްޔިތުންގެ ނުރުހުމާއިއެކުވެސް ފަސްއަޅާ ފޮރުވާލުމަށްފަހު ވަޅުން ފެންވަރަންޖެހޭ ކަމަށް ނިންމެވި ނިންމެވުމަކީ ލުޠުފީ ފުވައްމުލަކުގެ ރައްޔިތުންގެ ސިއްޙީގޮތުން ކުރިމަތިވަމުން އައި ގިނަ މައްސަލަތަކާއި ދުރުވި އަސްލެވެ. ގިނަ ދަތިތަކަކާއި އެކު ރަސްގެފަންނު ނެރު ގޮއްވައިގެން ފުންކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ދައުރު ނިމި، ރަށްވެހިގޭގެ ވަކި ކޮޓަރިއެއްގައި މުޙައްމަދު އިބްރާހިމް ލުޠުފީ ބަންދު ކުރެއްވިއެވެ. އަދި ފުވައްމުލައް ދޫކުރައްވާ ލުޠުފީ ފުރާ ވަޑައިގެންނެވީ 29 ސެޕްޓެންބަރު 1953 ގައެވެ.

ހިދުމަތް ކުރި ތާރީޚް

20 ނޮވެމްބަރ 1951 - 5 މެއި 1953